ރާއްޖޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ”ހޭޒް“ ނުވަތަ ދުންފުނީގެ އަސަރު ބޮޑުވެފައިވާތީ، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑުޖައްސާލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ވައި ނުސާފުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސަމާލު ނެރެފައެވެ. އެގޮތުން ކ. ވިލިމާލެ، ދ. ކުޑަހުވަދޫ، އަދި ލ. ގަމު ސަރަހައްދުގެ ވައިގެ ނުސާފުކަން 153 އާއި 167 އާ ދެމެދު ހުރުމުން އެ ސަރަހައްދުތަކަށް ވަނީ ރަތް ސަމާލުނެރެފައެވެ.
މާލެ އަދި ށ. ފޮނަދޫއަށް އޮރެންޖު ސަމާލު ނެރެފައިވާއިރު، އައްޑޫ ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
އެޗްޕީއޭއިން ބުނީ، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑުކަމަށެވެ. މިދުވަސްވަރު ހުރިހާ އެންމެންވެސް ބޭރަށް ނިކުމެ އުޅުމުގައި N95 މާސްކު ނުވަތަ އެފަދަ މާސްކެއް ބޭނުންކުރުމަށްވަނީ އިރުޝާދު ދީފައެވެ.
އަދި ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށްވަނީ އަންގައިފައެވެ.
ހުރިހާ އެންމެން ވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ތަބާވުމަށް އެ އޭޖެންސީން އިލްތިމާސްކޮށްފައިވާއިރު، ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަކީ ނާޒުކު ހާލަތުގައިވާ ފަރާތްތައް ކަމަށް ސިފަކޮށް، އެ ފަރާތްތައް ބޭރުތެރެއަށް ނުދިޔުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ވައިގެ ސާފުކަން ބަލާ ”އައިކިއު އެއާ“ ގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ވައިގައި ހިމެނޭ ޕީއެމް2.5 ގެ މިންވަރު ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ 8.8 ގުނަ މަތީގައެވެ.
މިއީ ނޭވާލާ ނިޒާމުގެ ތެރެއިން ލޭގެ ތެރެއަށް ވެސް ވާސިލުވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިކުރުވާނެ ކަމެކެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މިދުވަސްވަރު ވައި ނުސާފުވާން ދިމާވަނީ އިރުވައި މޫސުން ފެށި، އުތުރާއި އިރުއުތުރުން ވައި އަންނަން ފެށުމާ ގުޅިގެންނެވެ.



