ހުޅުމާލެ ފޭސް 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން 1،055 އެޕާޓްމަންޓެއްގެ ތަޅުދަނޑި މިހާރު ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.
ދައުލަތުގެ މީޑީއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، އެގްރީމަންޓުތަކުގައި ސޮއިކޮށް ޑިޕޮޒިޓް ދައްކާފައިވާ ހުރިހާ ފަރާތްތަކަށް ތަޅުދަނޑި ލިބޭނެ ތާރީޚު ފަހި ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމަށެވެ.
މިހާތަނަށް 2،349 އެޕާޓްމަންޓެއްގެ ތަޅުދަނޑި ހަވާލުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވާތީ، ކަނޑައެޅިފައިވާ ތާރީޚަށް ހާޒިރުނުވެވޭ ފަރާތްތަކަށް ލުއިތަކެއް ދީފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ތާރީޚު ބަދަލުކުރުމުގެ ފުރުސަތާއި، ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އެފްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުވާލަކު 600 މީހުންނާ ތަޅުދަނޑި ހަވާލުކުރުމެވެ.
”އަޅުގަނޑުމެން މަސައްކަތްތައް އަވަސްކޮށް، މިހާރު ތަޅުދަނޑިތައް ކޮންމެ ދުވަހަކުވެސް ޝެޑިއުލްކޮށްގެން ހަވާލުކުރަމުން މިދަނީ. އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ ދުވާލަކަށް 600 ޔުނިޓު ހަވާލުކުރުން،“ ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ލަފާކުރައްވާ ގޮތުގައި މި މަހުގެ ފުރަތަމަ ދެ ހަފުތާ ނިމޭއިރު، ޑިޕޮޒިޓް ދައްކާފައިވާ ހުރިހާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށް ނިންމޭނެއެވެ.
އަމާން ދޯދި އަދި އަމާން އުދަރެސް މަޝްރޫއާ ގުޅޭގޮތުން ހަމްދާން ވިދާޅުވީ، ކުރީ ސަރުކާރުން ސްކޯޕްގައި ނުހިމަނާ ހުރި ކަރަންޓާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް މި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
މި އެޕާޓްމަންޓުތަކުގެ އަގުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑެތި ލުއިތަކެއް ދެއްވާފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓުގެ ޑައުންޕޭމަންޓް 8،500 ރުފިޔާއަށް އަދި މަހު ކުލި 10،000 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓުގެ ޑައުންޕޭމަންޓަކީ 6،000 ރުފިޔާ ކަމަށްވާއިރު، މަހު ކުއްޔަކީ 7،000 ރުފިޔާއެވެ.
މި ބަދަލުތަކާ ގުޅިގެން، ކުރިން ބޮޑު އަގުގައި ޑައުންޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް އިތުރަށް ދެއްކި ފައިސާ، ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިކޮށްދިނުމަށް އެފްޑީސީން ވަނީ ނިންމާފައެވެ.
ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް ރައްޔިތުންނަށް މި ބޯހިޔާވަހިކަން ފޯރުކޮށްދީ، ދިރިއުޅުން އާރާސްތުކުރުމުގެ ފުރުސަތު ދިނުމެވެ.


