މާލޭގެ ގޯޅިގަނޑެއްގައި އުމުރުން ދުވަސް ވީމީހަކަށް އަނިޔާ ކުރި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލައެއް ރޭ 20:59 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ގ. ޝާރާޒް، އަލީ އިމްރާން ވަހީދު ،30، މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، މި ވީޑިއޯއިން ފެންނަނީ ޒުވާން ފިރިހެނަކު ދުވަސްވީ އަންހެނެއްގެ ގައިގައި ތަޅައިގަންނަ ތަނެވެ. އެކަން ހުއްޓުވަން މީހަކު މަސައްކަތް ކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
އަދި އެ މީހުން ޒުވާބު ކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.



