ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މި ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައިވަނީ މިއަދު ކަމަށެވެ.
އަދި އުފަންވި ދަރިފުޅާއި މަންމަގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ، މި ތާރީޙީ ކާމިޔާބަކީ ދިވެހިރާއްޖޭގެ ދަރިމައުވުމުގެ ފަރުވާތައް ކުރިއެރުމަށާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އައު އުންމީދެއް ހޯދާދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ހާސިލްވެގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.
މި ފަރޓިލިޓީ ސެންޓަރަކީ ދަރިމައިވުމުގެ ސިއްހަތާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ގާއިމްކުރެވުނު ތަނެކެވެ.
މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ 15 ނޮވެމްބަރު 2025 ގައެވެ.



