ގަވައިދާ ހިލާފަށް މާލޭގައި ހިންގަމިންދިޔަ 5 ތަނެއް ފާސްކޮށް ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގައި ހިންގަމުންދިޔަ 5 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެތަންތަނުން 8 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ ނޮވެމްބަރު މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، 56 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.




