ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ލޯގޯގައި ވާދަކުރާ ކެންޑިޑޭޓުންނަށް 50 ގޮޑިވެސް ރައްޔިތުން ނުދޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ”ނިއުޅެމުންދާ ޚަބަރު“ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވީ، އެމްޑީޕީގެ ނަމުގައި ވާދަކުރަން އެ ޕާޓީގެ މެމްބަރުން ޖެހިލުންވާތީ ގިނަ ބަޔަކު ނުކުންނަނީ އަމިއްލަ ގޮތުން ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލޯގޯގައި ނުކުމެއްޖެނަމަ ރައްޔިތުންގެ ތާއީދު ނުލިބޭނެކަން އެ ޕާޓީއަށް ވެސް މިހާރު ޔަގީންވެއެވެ.
”އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް އެ ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ނެރެން ނުކެރޭތީ ބައެއް ރަށްރަށުން މި ނެރެނީ އަމިއްލަ ނަމުގައި. އެމްޑީޕީއަށް ޔަގީންކަން އޮންނާނެ، އެމްޑީޕީ ގެ ލޯގޯގައި ނުކުމެއްޖެނަމަ ދިވެހި ރައްޔިތުން އެމްޑީޕީއަށް ނުދޭނެކަން 50 ގޮނޑިވެސް،“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތިބި ބައެއް ކައުންސިލްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމާ ނުގުޅޭ ވަޒީފާތައް ދެމުންދާ ކަމަށެވެ. އެގޮތުން ދާއިމީ ވަޒީފާ ނުދެވޭތީ، ވަގުތީ ގޮތުންނާއި ކޮންޓްރެކްޓް އުސޫލުން މީހުން ވަޒީފާތަކަށް ނަގަމުންދާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެއްވެސް ކައުންސިލް އިންތިހާބެއްގައި ވެރިކަން ކުރާ ޕާޓީއަށް މެޖޯރިޓީ ލިބިފައި ނުވި ނަމަވެސް، ކުރިއަށް އޮތް އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން އިންތިހާބު ކޮށްގެންކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
އެމްޑީޕީއަކީ ގައުމަށް ނުވަތަ ރަށަކަށް ލިބޭ ގެއްލުމަކަށް ވިސްނާ ބައެއް ނޫން ކަމަށް ސިފަކުރައްވަމުން ފަލާހު ވިދާޅުވީ އެ ޕާޓީން މަސައްކަތް ކުރަމުންދަނީ ތަފާތު ދޮގު ވާހަކަތައް ދައްކައިގެން ޕީއެންސީއަށް އިންތިހާބު ނާކާމިޔާބު ކުރުމަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.



