ކާބޯތަކެތީގެ އެހީ ގަވާއިދާ ހިލާފަށް ހޯދާ ކަމަށް ބުނެ އެމެރިކާއިން ސޯމާލިއާއަށް ދޭ ހުރިހާ އެހީއެެއް މެދުކަނޑާލައިފިއެވެ.
އެމެރިކާއިން ސޯމާލިއާ ސަރުކާރަށް ދޭ ހުރިހާ އެހީއެއް މެދުކަނޑާލީ އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ގުދަނެއް އެ ގައުމުގެ އޮފިޝަލުން ހަލާކުކޮށް، ކާބޯތަކެތީގެ އެހީ ނަގަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވައްކަން ކުރުމާއި، ފުރާނަ ސަލާމަތް ކުރުމަށް ލިބޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމަކީ ޓްރަމްޕްގެ ވެރިކަމުގައި ”ޒީރޯ ޓޮލަރެންސް ޕޮލިސީއެއް“ ގެންގުޅޭނެ ކަމެއް ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ސޯމާލިއާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ފޮނުވި 76 ޓަނުގެ ކާބޯތަކެތި އެ ގައުމުގެ އޮފިޝަލުން ގަވާއިދާ ހިލާފަށް އަތުލައިގަތް ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.
އެމެރިކާއިން ބުނި ގޮތުގައި އެހީ އަލުން ފެށުން ބިނާވާނީ ސޯމާލިއާ ސަރުކާރުން ހިންގި އެ އަމަލުތަކުގެ ޒިންމާ ނަގައި، އެކަށީގެންވާ އިސްލާހީ ފިޔަވަޅުތައް އެޅުމުންނެވެ.
އދ. ގެ ބައެއް ޖަމިއްޔާތަކުން އެމެރިކާ ވަކިވި ނަމަވެސް، ޑަބްލިޔުއެފްޕީއަށް މިހާތަނަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ގައުމަކީ އެމެރިކާއެވެ.
އެގޮތުން 2025 ވަނަ އަހަރު އެމެރިކާއިން ވަނީ އެ ޖަމާއަތަށް ދެ ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ.



