ސްކޭމްގެ އެކި މައްސަލަތަކުގައި މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހަކީ ސްކޭމްގެ މައްސަލަތައް އާދަޔާ ހިލާފަށް ގިނަވި މަހެކެވެ. އެގޮތުން ޖުމްލަ 179 މައްސަލައެއް އެ ސެންޓަރަށް ވަނީ ރިޕޯޓުކޮށްފައެވެ.
ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 89 މައްސަލައެއްގައި ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވާއިރު، 45 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ރިކަވާ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވިފައިވެއެވެ. މީގެ ތެރޭގައި ނޮވެމްބަރު މަހު ރިޕޯޓުކުރި މައްސަލަތަކުގައި ހިމެނޭ ފައިސާވެސް ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު އެންމެ ގިނައިން ހިންގާފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. މިފަދަ 80 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 31 މައްސަލައެއްގެ އިތުރުން ފިޝިން އަދި ޖޮބް ސްކޭމްގެ 16 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، ފުލުހުން ދަނީ އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޝައްކުކުރެވޭ ލިންކްތަކަށް ނުފިތުމަށާއި، ފައިސާގެ މުއާމަލާތް ކުރުމުގެ ކުރިން އެއީ ކާކުކަން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ޚާއްޞަކޮށް އޮންލައިންކޮށް މުދާ ގަންނައިރު، މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށާއި، ވިޔަފާރި އެކައުންޓެއްތޯ ކަށަވަރުކުރުމަށް ވަނީ އެދިފައެވެ.
އެންޓި-ސްކޭމް ސެންޓަރުން އިތުރަށް ބުނީ، ފައިސާ މާރުކުރާނަމަ އެމްއެމްއޭގެ ލައިސެންސް އޮތް ތަނެއްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މީހަކު ފައިސާއަށް އެދި މެސެޖުކޮށްފިނަމަ، ފޯނުން ގުޅައި އެއީ ސައްހަ މީހެއްކަން ޔަގީންކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ހެޑް އޮފް އެންޓި ސްކޭމް ސެންޓާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ 37 އިންސައްތަ ވަނީ އަނބުރާ ހޯދިފައެވެ.
މިއީ އެހެން ގައުމުތަކާ އަޅާބަލާއިރު ލިބިފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އާދަމް ނަވީދު ފާހަގަކުރެއްވިއެވެ.




