ޅ. ފެލިވަރުގައި ގާއިމްކޮށްފައިވާ ކޯލްޑް ސްޓޯރޭޖް މި އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުހަތު ޝަހީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަރުހަތު ވިދާޅުވީ ފެލިވަރުގައި މިހާރު ހުރީ ވަރަށް ދުވަސްވީ ކޭނަރީއެއް ކަމުން، މަސްބަންދުކުރާ އާ ކޭނަރީއެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
ފެލިވަރުގައި ހުންނަ މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު އިތުރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހަދާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރައިނެކް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް ބޮޑުކުރުމުގެ އިތުރުން 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ވެސް ގާއިމުކުރާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މި މަޝްރޫއު ނިމުމުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 އިންސައްތަ އިތުރުވާނެއެވެ. އަދި ފްރީޒިން ކެޕޭސިޓީ 37 އިންސައްތަ އިތުރުވެގެންދާނެއެވެ. މިފްކޯއިން ފާހަގަކުރި ގޮތުގައި ފެލިވަރުގެ އާ ފެސިލިޓީއާ އެކު، އުތުރުގެ މަސްވެރިން މަސްކިރުމަށްޓަކައި ކޫއްޑޫއަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ.
ޖެނުއަރީ 18، 2023 ގައި ހަވާލުކުރި މި މަޝްރޫއަށް ޖުމްލަ 22 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަސައްކަތަށް ޚަރަދު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
ފެލިވަރުގައި މިހާރު ހުރި ކޭނަރީގެ ކެޕޭސިޓީއަކީ ދުވާލަކު ގާތްގަނޑަކަށް 40-50 ޓަނެވެ.



