މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 107,205,043 ރުފިޔާ ވަނީ ލިބިފައެވެ.
2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 102,281,507 ރުފިޔާއެވެ. އެހެންކަމުން މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %4.8 ގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ މާރޗު މަހުއެވެ. އެ މަހު 23 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފައިސާ ލިބުނު ޖުލައި މަހު 12 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އޭޕްރީލް މަހު 11 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، ޑިސެމްބަރު 21 އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19,527.90ރުފިޔާއެވެ. މީގެ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11,191.95 ރުފިޔާއެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައިވެސް ޒަކާތުގެ ނިސާބަށް ބަދަލު ގެނެއެވެ. މިހާރު ބާޒާރުގައި ރިހީގެ އަގު ގްރާމަކަށް 32.82 ރުފިޔާގައި ހުރިއިރު، ރަނުގެ އަގު ހުރީ ގްރާމަކަށް 2,149.39 ރުފިޔާގައެވެ.
މުދަލު ޒަކާތުގެ ނިސާބަކީ މީހެއްގެ މުދަލުގައި އެ މިންވަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާ މެދުވެރިކޮށެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކަށްވެސް އެމީހަކު ދައްކަންޖެހޭ ޒަކާތުގެ މިންވަރު ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.




