އެމެރިކާގެ ޕެންސިލްވޭނިއާގެ ތާރީޚީ ގަބުރުސްތާނަކުން ގިނަ އަދަދެއްގެ އިންސާނުންގެ ކަށިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ޕެންސިލްވޭނިއާގެ ފުލުހުން ބުނި ގޮތުގައި މި މީހާގެ ގެއިން ފެނިފައިވަނީ ބިރުވެރި ފިލްމަކުން ފެންނަ ފަދަ ނާމާން މަންޒަރުތަކެކެވެ.
ޖޮނަތަން ގާލަކް ނަމަކަށް ކިޔާ މި މީހާގެ ގޭގެ ބޭސްމަންޓުން 100 އަށް ވުރެ ގިނަ އިންސާނުންގެ ބޯކަށިގަނޑާއި، ގިނަ އަދަދެއްގެ ފައިގެ ކަށިތަކާއި، މަމީކޮށްފައިވާ ފައިތަކުގެ އިތުރުން ކުނިވަމުންދިޔަ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އޭނާގެ ގޭގައި ހުރި ގުދަނަކުންވެސް އިންސާނުންގެ އަށް ހަށިގަނޑެއްގެ ބައިތައް ވަނީ ފެނިފައެވެ.
ޑިސްޓްރިކްޓް އެޓާނީ ރައުސް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، ޑިޓެކްޓިވުންނަށް މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ކަށިތައް ފެނިފައިވާ ކަމަށާއި، އެއީ ކޮންބައެއްގެ ކަށިތަކެއްތޯ އާއި އެ ތަކެތި ގެނައީ ކޮންތަނަކުންތޯ ބެލުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. ފެނުނު ބައެއް ކަށިތަކަކީ ސަތޭކައަށް ވުރެ ގިނަ އަހަރުވެފައިވާ ތަކެތި ކަމަށާއި، އޭގެ ތެރޭގައި މަދު މަސްތަކެއްވީ ތުއްތު ކުދިންގެ ހަށިގަނޑުގެ ބައިތައް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ގާލަކް ހައްޔަރުކޮށްފައިވަނީ ފިލަޑެލްފިއާގެ މައުންޓް މޮރިއާ ގަބުރުސްތާނުން ނުކުންނަނިކޮށް މިދިޔަ އަންގާރަ ދުވަހުއެވެ.
އޭނާގެ މައްޗަށް ވައްކަން ކުރުމާއި، ވަގަށް ނަގާފައިވާ މުދާ ގެންގުޅުމާއި، މައްޔިތުންގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމުގެ 300 އަށް ވުރެ ގިނަ ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން ގަބުރުސްތާނަށް ވަދެ ތަކެއްޗަށް ގެއްލުން ދިނުމުގެ ދައުވާތައް ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
ކޯޓު ރެކޯޑްތަކުން ދައްކާ ގޮތުގައި ގާލަކް ވަނީ މައުންޓް މޮރިއާ ގަބުރުސްތާނުން 30 އެއްހާ މީހުންގެ ހަށިގަނޑުގެ ބައިތައް ވަގަށް ނެގި ކަމަށް އިއުތިރާފުވެފައެވެ. އޭނާ މިހާރު ހުރީ އެއް މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުން ބަންދުގައެވެ.



