ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަ މައުމޫން ފައުންޑޭޝަންގެ ސީއީއޯގެ މަގާމަށް، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ކަމާލުއްދީން އައްޔަންކުރިކަން އިއުލާންކުރީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
އެ ދުވަހު ރައީސް މައުމޫން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ފައުންޑޭޝަންގެ އިސް މަގާމެއް ކަމާލުއްދީނަށް ހުށަހެޅުއްވުމުން އެކަން ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އަދި ކަމާލުއްދީންގެ ތަޖުރިބާގެ އަލީގައި ފައުންޑޭޝަންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީނަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ މަނިކުފާނު ވަނީ ހޯމް މިނިސްޓަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ފުރުއްވާފައެވެ.
މީގެ އިތުރުން ކަމާލުއްދީނަކީ މައުމޫން އެންމެ ފަހުން އުފެއްދެވި އަދި މިހާރު އުވާލާފައިވާ ޕާޓީ، އެމްއާރްއެމްގައި ވެސް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ސިޔާސީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ކަމާލުއްދީން ވަނީ މީގެ ކުރިން ޑީއާރްޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތްކުރައްވާފައެވެ.


