ވިޔަފާރިތަކުގެ އަޑު އެއްސެވުމަށްޓަކައި ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެފަރާތްތަކަށް ދިމާވާ މައްސަލަތައް ސީދާ ގޮތެއްގައި ދެނެގަނެވިގެން ކަމަށެވެ. މިއާއެކު، މިއަހަރާއި 2027 ވަނަ އަހަރާ ދެމެދު ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތައް ބާއްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޮތެންޓިކް މޯލްޑިވްސްގެ އަހަރީ ހަފްލާގައި ވަނީ ވޭތުވެދިޔަ އަހަރު އެންމެ ރަނގަޅަށް މުދާ ވިއްކި 10 ފަރާތަކަށް ’ބެސްޓް ސެލާ‘ އެވޯޑު ދީފައެވެ.
މިހާރު އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންގެ ގޮތުގައި 407 ވިޔަފާރިއަކުން ރަޖިސްޓަރީވެފައިވާއިރު، މީގެ ތެރެއިން 49 ވިޔަފާރިއަކީ 2025 ވަނަ އަހަރު އަލަށް ގުޅުނު ވިޔަފާރިތަކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންނަށް ދޫކުރި ފައިސާގެ މިންވަރު ވަނީ އަހަރުން އަހަރަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 26.4 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 31.1 މިލިއަން ރުފިޔާއަށް އުފުލިފައެވެ.
އޮތެންޓިކް މޯލްޑިވްސްއަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ދިނުމުގެ ގޮތުން، އެ ފަރާތްތަކަށް ދޫކުރާ ފައިސާގެ ވަކި މިންވަރެއް ޑޮލަރުން ދޫކުރުމަށް ފާއިތުވި އަހަރު ވަނީ ނިންމާފައެވެ.
މި ނިންމުމުގެ ސަބަބުން ދިވެހި އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ތަކެތި ބޭރުން އެތެރެކުރުމުގައި ޑޮލަރުން ކުރަންޖެހޭ މުޢާމަލާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.



