ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.
ކްރިމިނަލް ކޯޓުން ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހުކުމް އިސްތިއުނާފު ކުރަން ސައީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ރަސްމީކޮށް ބަލައިގަނެފައެވެ.
ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، އެއްވެސް މަސައްކަތެއް ނުކުރަނީސް ފައިސާ ދޫކުރި މައްސަލައިގައެވެ.
ދައުލަތުން މި ދައުވާ އުފުލީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ސައީދުގެ އިތުރުން ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. ނަމަވެސް ސައީދުގެ މައްސަލަ ނިމި ހުކުމް އިއްވި ނަމަވެސް، ދީނާގެ މައްސަލަ މިހާރު އޮތީ ކޯޓުގައި މަޑުޖެހިފައެވެ.




