ދިރާގުން އެ ކުންފުނީގެ ”ލިމިޓެއް ނެތް“ ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކަށް ހާއްސަކޮށްގެން އާ ޕްރޮމޯޝަނެއް މިއަދު އިއުލާނުކޮށްފިއެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތައް ބޭނުންކުރާ ފަރާތްތަކަށް ހިލޭ ސްމާޓް ކެމެރާ ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެއެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ ހަތަރު ނަސީބުވެރިއަކަށް ޓީވީ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން، ”ލިމިޓެއް ނެތް“ ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސް އިން މަތީ ސްޕީޑެއްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ ސްމާޓް ކެމެރާއެއް ލިބޭނެއެވެ. އަދި 50 އެމްބީޕީއެސް އިން މަތީގެ ޕެކޭޖެއް ހިޔާރުކުރާ ފަރާތްތަކަށް ’އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް‘ އެއް ލިބިގެންދާނެއެވެ.
އަލަށް ހިދުމަތް ހޯދާ ކަސްޓަމަރުންގެ އިތުރުން، މިހާރު ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމްބީޕީއެސް އިން މަތީގެ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވެސް ’އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލެއް‘ ދޫކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި، ”ލިމިޓެއް ނެތް“ ފައިބާ ބްރޯޑްބޭންޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ ހަލުވި ސްޕީޑުގެ އިންޓަނެޓާ އެކު، ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ކަސްޓަމަރުންނަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.



