ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، މާލޭގެ އެއްވެސް ބިމެއް ވިއްކާފައި ނުވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މިފަދައިން ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އަލީ އާޒިމް ދާދިފަހުން ވަނީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ނުގަވައިދުން ބިން ދޫކުރެއްވި ކަމަށް ތުހުމަތު ކުރައްވައި، އޭނާ މޭޔަރު ކަމަށް އިންތިޚާބުވެއްޖެ ނަމަ އެ މައްސަލަތައް ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ، ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި އެއްވެސް ބިމެއް ވިއްކާފައި ނުވާ ކަމަށާއި، ނުގަވާއިދުން ކުއްޔަށް ދިން އެއްވެސް ބިމެއް ވެސް ނެތް ކަމަށެވެ.
އަރީޝް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އަދި އިޖްތިމާޢީ ރޫޙު އާލާކުރި ދުވަސްތަކެކެވެ. އަދި އެއީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވައިގެން ރައްޔިތުން އެދޭ ގޮތަށް މާލޭގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަލީ އާޒިމްގެ ކެމްޕޭނަށް ފާޑުވިދާޅުވަމުން އަރީޝް ވިދާޅުވީ، ހަގީގަތްތައް ހަޖަމު ނުކުރެވިގެން ދޮގު ވާހަކަ ދެއްކުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މޭޔަރު ކަމަށް އައުމަށްފަހު ކޯޓުތަކަށް ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ ”ގޭންގެއްގެ ގޮތުގައި” ސިޓީ ކައުންސިލް ހިންގާނެ ކަމަށް ސިފަވާ ގޮތަށް ވާހަކަ ދެއްކުމަކީ އަމާޒެއް ނެތް ކެމްޕޭނެއް ކަމަށް އަރީޝް ސިފަކުރެއްވިއެވެ.
މީގެއިތުރުން، ލޯކަލް ކައުންސިލްތަކަކީ ސަރުކާރާ ޖަދަލުކުރަން އޮންނަ ތަންތަން ނޫން ކަމަށާއި، އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭ ތަންތަން ކަމަށް އަރީޝް ވިދާޅުވިއެވެ. މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން މުޒާހަރާކޮށް، ކޯޓުތައް ހައިޖެކް ކުރާނެ ކަމަށް ބުނެ ކުރާ ކެމްޕޭނަކުން ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރީޝް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެއްވެސް ހެއްކެއް ނެތި ދޮގު އިލްޒާމު އަޅުވައި، ޚިޔާލީ ހަރުކަށި އިންޒާރުތައް ދިނުމަކީ މާލޭގެ މޭޔަރުކަމަށް ކުފޫ ހަމަވާ ޒާތުގެ އަމަލެއް ނޫން ކަމަށެވެ.



