މާލެ ސަރަަހައްދުގައި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ދިނުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން، އެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް ބާއްވާ ވޯކިން އިންޓަވިއުތައް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ވޯކިން އިންޓަވިއުތައް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް މާފަންނު ބަސް ޓާމިނަލުގައެވެ.
މި ފުރުސަތަކީ ފުލްޓައިމް އަދި ޕާޓް ޓައިމްކޮށް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ހިދުމަތަށް 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓް ޓައިމް ޑްރައިވަރުން ބޭނުންވެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ޑްރައިވަރުން ނެގުމުގައި މިވަގުތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މާލެ ސިޓީގައި ސަރުކާރުގެ ޓެކްސީލައިންގެ ހިދުމަތް އެންމެ ލަސްވެގެން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ޓެކްސީލައިން ހިދުމަތުގެ މައިގަނޑު ބޭނުމަކީ މިހާރު ޓެކްސީ ހިދުމަތުގައި ހުރި މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.



