އެންމެ ވޯޓެއްގެ ތަފާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރި މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ކަޓައިފިއެވެ.
ޔޫއްޕެ ވާދަކުރީ މައްޗަށްގޮޅި އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕީއެންސީން ބޭއްވި ޕްރައިމަރީގައި މައްސަލަ ޖެހިގެން މިއަދާ ހަމައަށް ނަތީޖާ އިއުލާނު ނުކޮށް އޮތީ ހަމައެކަނި މައްޗަށްގޮޅި އުތުރު ދާއިރާގެ އެވެ. މި ދާއިރާއަށް ޔޫއްޕެ ހިމެނޭހެން ޖުމްލަ ހަތަރު ކެންޑިޑޭޓުން ވާދަކުރި އެވެ.
މައްސަލަ ހައްލުކޮށް ވޯޓް އަލުން ގުނުމަށްފަހު އިއުލާނުކުރި ނަތީޖާ ދައްކާގޮތުން، އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ އާދަމް އަލީމްއެވެ. އޭނާއަށް 58 ވޯޓް ލިބިފައިވާއިރު، ޔޫއްޕެއަށް ލިބުނީ 57 ވޯޓެވެ.
ޕްރައިމަރީ ބޭއްވި ދުވަހު މި ދާއިރާގެ ވޯޓް ގުނަމުން ދަނިކޮށް ހަމަނުޖެހުން އުފެދުނީ، އިތުރަށް ވޯޓްލާފައިވާ ކަމަށް ބުނެ މީހަކު ޝަކުވާ ކުރުމާ ގުޅިގެންނެވެ. އެ މީހާ ވަނީ ގުނަމުން ދިޔަ ވޯޓް ކަރުދާސްތަކެއް އޮފިޝަލުންގެ އަތުން އަތުލައި ވީދާލަން ވެސް މަސައްކަތް ކޮށްފައެވެ.
ޕީއެންސީން ބުނި ގޮތުގައި އެ މައްސަލަ ބެލިބެލުމުން އިތުރަށް އެންމެ ވޯޓެއް ވެސް ލާފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން، ޕާޓީން ނިންމީ ވޯޓް ކަރުދާސްތައް އަލުން ގުނައި ނަތީޖާ އިއުލާނު ކުރުމަށެވެ.



