ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އަތޮޅު ތެރޭގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
މި ތަމްރީނުތަކަކީ އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ ހުނަރު އޮފިޝަލުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ޕްރޮގްރާމެކެވެ.
މި އިންތިޚާބުގެ އެކި މަސައްކަތްތަކަށް ޖުމްލަ 7,000 އޮފިޝަލުން ބޭނުންވާއިރު، އެ ފަރާތްތައް ތަމްރީނު ކުރުމުގައި 95 ޓްރެއިނަރުން މާލެއާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މާލެ ސަރަޙައްދުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ދަށުން، ވޯޓުލާ ދުވަހު މަރުކަޒުތަކުގެ އިންތިޒާމުތައް ބަލަހައްޓާނެ ގޮތާއި، ވޯޓުލާން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދޭނެ ގޮތްތައް އޮފިޝަލުންނަށް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތްތަކާއި، ވޯޓު ގުނުމުގެ ތަފްސީލީ މަރުހަލާތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ތަމްރީނުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެއެވެ.
އޮފިޝަލުން ތަމްރީނު ކުރުމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މި މަހުގެ 3 އިން 9 އަށް ސީއެޗްއެސްސީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި 100 އަށްވުރެ ގިނަ ޓްރެއިނަރުން ތަމްރީނު ކޮށްފައިވާއިރު، މި ފަރާތްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ތަމްރީނު ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތަކެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޚާބަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ.




