ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ކަހަލަ ދަތިތައް ހުރިނަމަވެސް، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފޮތްތައް ފޮނުވުމުގައި ޖާގައިގެ ގޮންޖެހުންތަކާއި ލޮޖިސްޓިކްސްގެ ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ކުރިން އަރަބިއްޔާ ސްކޫލްގެ ގުދަނެއްގައި ކުރަމުންދިޔަ މަސައްކަތްތައް މިހާރު އަމީނިއްޔާ ސްކޫލަށް ބަދަލުކޮށްފައިވުމުން ޖާގައިގެ ދަތިކަން ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާލޭގެ އުތުރު ބަނދަރު ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން ބޯޓުފަހަރަށް ތަކެތި ބަރުކުރުމުގައިވެސް ދަތިތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިކަންކަމާއެކުވެސް 100 އިންސައްތަ ޔަގީންކަން ދެން، ސްކޫލް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ދެން،“ މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުތަކުގެ ރަށްތަކުގެ 60 އިންސައްތައަށް މިހާރު ވަނީ ފޮތްތައް ފޮނުވާ ނިންމާފައެވެ. އަދި މާލޭގެ ގިނަ ސްކޫލްތަކުގައިވެސް ފޮތްތައް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ސްކޫލްތަކަށް ފޮތްތައް ފޮނުވަނީ އެ ސްކޫލަކަށް އެ އަހަރަކު އަލަށް ވަންނަ ދަރިވަރުންގެ އަދަދަށް ބަލައިގެންނެވެ. އަތޮޅުތަކުގެ ސްކޫލްތަކުން ދަރިވަރުންނަށް ފޮތްތައް ބަހަން ފަށާނީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮތްތައް ފޯރުކޮށްދީ ނިމުމުންނެވެ.
ދިރާސީ އައު އަހަރަށް ސްކޫލްތައް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފޮތްތައް ފޯރުކޮށްދިނުމުގެ އިތުރުން ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައްވެސް ތަރުތީބުން ކުރިއަށްދާ ކަމަށެވެ.


