މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯންގެ ގޮތުގައި 2025 ވަނަ އަހަރު 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަތީ ތަޢުލީމަށް ދައުލަތުން ކުރަމުންދާ ޚަރަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދައުލަތުން ވަނީ ޖުމްލަ 1.24 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.
މީގެތެރެއިން 548 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވަނީ ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރު އެކަނިވެސް 596 ދަރިވަރުންނަށް ވަނީ ލޯނު ހަމަޖައްސައިދީފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 1438 ދަރިވަރުންނަށް ވަނީ ލޯނުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ކުދިން ކުރިމަތިލުމާ ގުޅިގެން، ސަރުކާރުން ވަނީ ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ފުރުސަތު ދިނުމަށް 2025 ވަނަ އަހަރު ނިންމާފައެވެ. އެ ނިންމުމާއެކު މިހާތަނަށް ޖުމްލަ 2108 ދަރިވަރަކަށް ވަނީ ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބިފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ސްޓޫޑެންޓް ލޯނުގެ ދަށުން މިވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 36 ޤައުމެއްގައި 1740 ދަރިވަރަކު އަންނަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ. ސަރުކާރުން ވަނީ މި ލޯނުގެ ދަށުން ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމަކުންވެސް ކިޔެވުމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
މި ފުރުސަތުގެ ދަށުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ލޯނު ދޫކުރުމުގައި ބޮޑަށް އިސްކަންދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާފަދަ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ދާއިރާތައް ހިމެނޭކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.



