ހުޅުމާލޭގައި ހިންގަމުން އަންނަ މަޝްހޫރު ”ދިއްދޫ ހޮޓާ“ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހުސްކޮށް، އިމާރާތުގެ ވެރިފަރާތާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައަކީ އެ ހޮޓާ ހިންގާ އިމާރާތުގެ ވެރިފަރާތުން، އޭނާގެ ހުއްދައެއް ނެތި އެތަން ބޭނުންކުރަމުންދާ ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އިމާރާތުގެ ވެރިފަރާތުން ކޯޓުގައި ބުނެފައިވަނީ، ހޮޓާ ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2023 ވަނަ އަހަރުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ތަން ހުސްކުރަން ދިން މުއްދަތުތަކުގައި ވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް ވެރިފަރާތުން ފާހަގަކުރިއެވެ.
އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދިން އިތުރު މުއްދަތާއި، އޭގެ ފަހުން ތިން މަސް ދުވަހުގެ ތެރޭގައި ތަން ހުސްކުރަން ލިޔުމުން އެންގި އެންގުމަށް ވެސް އަމަލުކޮށްފައި ނުވާ ކަމަށް ވެރިފަރާތުން ބުނެއެވެ.
މީގެ އިތުރުން، އެންމެ ފަހުން ދިން މުއްދަތު ހަމަވި ފަހުން ތަނުގެ ކުލި ވެސް ލިބިފައި ނުވާ ކަމަށް އިމާރާތުގެ ވެރިފަރާތުން ކޯޓުގައި ބުނެފައިވެއެވެ. މި މައްސަލަ ގޯސްވެ، އެންމެ ފަހުން ވެރިފަރާތުން ނިންމީ ކޯޓު މެދުވެރިކޮށް ތަން ހުސްކުރުމަށެވެ.
މި މައްސަލައިގެ ރައްދުގައި ހޮޓާ ހިންގާ ފަރާތުން ބުނެފައިވަނީ، އެތަން ބޭނުންކުރަމުން އަންނަނީ ކުލީގެ މުއްދަތު އިތުރު ތިން އަހަރަށް ދައްމާލުމަށް އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި ތަން މަރާމާތުކުރުމަށް ހިނގި ދެ މިލިއަން ރުފިޔާ އާއި ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ހޮޓާ ހިންގާ ފަރާތުން އެދުނެވެ.
ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ، އަނގަބަހުން އެއްބަސްވުން ހެދި ކަމަށް ބުނާ އިމާރާތުގެ ވެރިފަރާތުގެ ފިރިމީހާއަކީ އެފަދަ އެއްބަސްވުމެއް ހެދުމުގެ ގާނޫނީ ބާރު ލިބިގެންވާ މީހެއްކަން ސާބިތުނުވާ ކަމަށެވެ.
އަދި ކުލީގެ މުއްދަތު އިތުރުކުރިކަން ސާބިތު ނުވާތީ، ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެއެވެ.




