މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހަކަށް އިއްޔެ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް 9,596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އާންމުގޮތެއްގައި ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ ދުވަހަކީ ހަފްތާގެ އެހެން ދުވަސްތަކާ އަޅާބަލާއިރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްކަން މިނިސްޓްރީގެ ހިސާބުތަކުން ފާހަގަކުރެވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތެރޭގައި ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 3 ވީ ހޮނިހިރު ދުވަހުއެވެ.
މިއަހަރުގެ ފުރަތަމަ 11 ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު، ޖުމްލަ 79,004 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 69,553 ފަތުރުވެރިންނާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ.
ނިމިދިޔަ ޑިސެމްބަރު މަހަކީ ރާއްޖޭގެ ތާރީހުގައިވެސް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ. އެ މަހު ޖުމްލަ 224,455 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއޭސީއެލް އިން ލަފާކުރާ ގޮތުގައި މިފަހަރުގެ ސީޒަނުގައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުވާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ގާބިލްކަން އިތުރުވެގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ އައު ޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމެވެ.




