މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަދު 25 މަސްދޯންޏަކަށް 1.2 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖަމާކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކިރުވި މަހަށް ދޭންޖެހޭ ފައިސާއެވެ. އެގޮތުން ޖުމްލަ 1,292,318.10ރ. މަސްދޯނި ފަހަރަށް ވަނީ ޖަމާކޮށްފައެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން ހަރުދަނާ ކުރަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތްކަން ފާހަގަކުރެވެއެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ރައީސް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
މިފްކޯއިން ބުނި ގޮތުގައި، ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށުމާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.
މި ބަދަލާއެކު މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި، ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.



