ފަލަސްތީނުގެ ޣައްޒާގައި ކޮވިޑް-19 އާއި ފްލޫ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށް ސިއްހީ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
މި ބަލިތައް ފެތުރެން ފަށާފައިވަނީ އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީއަށް ބޮޑުތަނުން ހުރަސް އެޅިފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު، ޑރ. މުހައްމަދު އަބޫ ސިލްމިއާ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކާއި ކެއުންބުއިމަށް ދަތިކުރުމުގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުގައި ބަލިތައް ދަނީ ފެތުރެމުންނެވެ. ޚާއްސަކޮށް ސާފު ބޯފެނާއި ރަނގަޅު ކާބޯތަކެތި ނުލިބުމުގެ ސަބަބުން އާންމުންގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މިފަދަ ނުރައްކާތެރި ބަލިތައް ޣައްޒާގައި ފެތުރެމުން ދިޔަ ނަމަވެސް، ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް މެދުކެނޑިފައިވުމުގެ ސަބަބުން ބަލިން ރައްކާތެރިވުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މީގެ އިތުރުން ސިއްހީ ފަރުވާ ދޭނެ ވަސީލަތްތައް މަދުވުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ޣައްޒާގައި ކޮވިޑް-19 ފެތުރެމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނި ނަމަވެސް، މި ބަލި މިހާތަނަށް ޖެހިފައިވަނީ ކިތަށް މީހުންނަށް ކަމެއް އަދި އެމީހުންގެ ހާލަތާ ގުޅޭ ތަފްސީލީ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އިސްރާއީލުން ޣައްޒާއަށް އިންތިހާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު، ކާބޯތަކެތި ވެއްދުން ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.



