އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގައި މިހާތަނަށް 2000 އެއްހާ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފިއެވެ.
މި މަރުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން އީރާނުގެ އޮފިޝަލް ބުނީ، މަރުވި މީހުންގެ ތެރޭގައި އާންމުންގެ އިތުރުން ސެކިއުރިޓީ އޮފިޝަލުންވެސް ހިމެނޭ ކަމަށާއި، މި މަރުތަކުގެ ފަހަތުގައި ވަނީ ”ނިރުބަވެރިން” ކަމަށެވެ.
މުޒާހަރާތަކުގައި މިހާތަނަށް 2000 މީހުން މަރުވި ކަމަށް ބުނާއިރު، މިއީ މީގެ ކުރިން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އާންމުކޮށްފައިވާ އަދަދުތަކަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. އެމެރިކާގެ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީން އެންމެ ފަހުން އާންމުކުރި ރިޕޯޓްތަކުގައި ބުނެފައިވަނީ މަރުވި މީހުންގެ އަދަދު އުޅެނީ 646 ގައެވެ.
އީރާނުގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ އިންޓަނޭޓާއި މުވާސަލާތީ ހިދުމަތްތައް މެދުކަނޑާލާފައެވެ. މީގެ ސަބަބުން ގައުމުގެ އެތެރޭގެ މައުލޫމާތު ބޭރަށް ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މި މުޒާހަރާތައް ފެށިގެން އައީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މުޒާހަރާ ކުރަން ފެށީ އީރާނުގެ ފައިސާ، ރިޔާލްގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން އީރާނުގެ ގްރޭންޑް ބާޒާރުގެ ފިހާރަތައް ބަންދުކުރުމާ ގުޅިގެންނެވެ. ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން މުޅި ގައުމުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފެށިއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހާރު މުޒާހަރާތައް ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައެވެ. އަދި މަގުތަކަށް ނުކުންނަ މީހުންގެ އަދަދުވެސް ވަނީ ކުރިއާ އަޅާބަލާއިރު މަދުވެފައެވެ.
މީގެ އިތުރުން، އިއްޔެގެ ވަގުތެއްގައި އީރާނުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރަށް ތާއިދުކުރާކަން ހާމަކުރުމަށްވެސް ވަނީ ހިނގާލުމެއް ބާއްވާފައެވެ.



