ކޮތަޅުތަކާއި އެއްޗެހި ބަންދުކުރަން ބޭނުންކުރާ ކަރުދާހުގައި މާތްﷲގެ އިސްމުފުޅުތައް ބޭނުންކުރުން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން މަނާކޮށްފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ކޮމަރސް މިނިސްޓްރީގެ ތަރުޖަމާނު އަބްދުލްރަޙްމާން އަލްޙުސައިން ވިދާޅުވީ، ކޮތަޅާއި ހަދިޔާ ފަދަ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ކަރުދާހަކީ އޭގެ ބޭނުން ނިމުމުން އާންމުކޮށް އުކާލެވޭ އެއްޗެއް ކަމަށެވެ.
އަދި އެއީ އިޙްތިރާމް ކުޑަވާ ފަދަ ގޮތްގޮތަށް ބޭނުންކުރެވޭ ތަކެތި ކަމަށްވާތީ، އެފަދަ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކޮށްފައި ހުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަބްދުލްރަޙްމާން ފާހަގަކުރެއްވިއެވެ.
މި ނިންމުމާއެކު، ވިޔަފާރިތަކުން އެ މީހުންގެ ވިޔަފާރީގެ އެކި ބޭނުންތަކަށް ތައްޔާރުކުރާ ކޮތަޅާއި ބަންދުކުރާ ކަރުދާސް ފަދަ ތަކެތީގައި މާތްﷲގެ އިސްމުފުޅު ބޭނުންކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. މީގެ އިތުރުން، ސަޢުދީގެ ކޮމަރސް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވިޔަފާރިތަކަށް ނަން ދިނުމުގައި ވެސް މާތްﷲގެ އިސްމުފުޅު ހިމެނޭ ނަންތައް ފާސްކޮށްދިނުން ހުއްޓާލާފައެވެ.
މި ނިންމުމަކީ މާތްﷲގެ އިސްމުފުޅުތަކަށް އޮންނަންޖެހޭ އިޙްތިރާމާއި ގަދަރު ހިފެހެއްޓުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެކެވެ.




