ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހަނދާނުގައި ދެމުން އަންނަ ޝަރަފުވެރި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން ހާސިލްކޮށްފިއެވެ.
އެ ސްކޫލުން މި އެވޯޑް ހާސިލްކޮށްފައިވަނީ ގްލޯބަލް ހައި ސްކޫލްސްގެ ސައުތު އޭޝިއާ ކެޓަގަރީންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 18 ސްކޫލަކާ ވާދަކޮށް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑް ކާމިޔާބުކުރީ އިއާދަކުރަނިވި ހަކަތައާއި، ފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން އެއްކޮށްލައިގެން އެ ސްކޫލުން ތައްޔާރުކޮށްފައިވާ ތަފާތު މޮޑެލްއެއްގެ ސަބަބުންނެވެ.
މި މަޝްރޫޢުގެ ދަށުން އަވިންނާއި ވައިން ހަކަތަ އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކާށި، ބަނބުކެޔޮ އަދި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހި އިންދުން ހިމެނެއެވެ.
ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ އަޙްމަދު ވިދާޅުވީ، މި މޮޑެލް ތައްޔާރުކުރުމުގައި މީގެ ކުރިން މި އެވޯޑް ހާސިލްކުރި އައްޑޫ ހައި ސްކޫލުގެ މަޝްރޫޢުން ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.
”އަޅުގަނޑުމެންނަށް އެނގުނު އައްޑޫ ހައި ސްކޫލުން މިފަދަ މަޝްރޫޢަކުން މި އެވޯޑް ހޯދިކަން. އެ ސްކޫލަކީ މިހާރު މުޅިން ސޯލާ ހަކަތައިން ހިންގާ ތަނެއް. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އިންސްޕިރޭޝަނެއް،“ ޕްރިންސިޕަލް ވިދާޅުވިއެވެ.
މިހާރު ކަރަންޓަށް މަހަކު 100,000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރާ އެ ސްކޫލުން، މި މޮޑެލްގެ ދަށުން ސޯލާ ޕެނަލްތައް ހަރުކުރުމުން އެ ޚަރަދު ސަލާމަތްވެ، އިތުރަށް އުފެދޭ ހަކަތަ ފެނަކަ ގްރިޑަށް ވިއްކައިގެން އާމްދަނީ ހޯދުމަށް ވަނީ ރޭވިފައެވެ. މި އާމްދަނީ ބޭނުންކޮށްގެން މުޅި ސްކޫލް އޭސީ ކުރުމަކީވެސް އެ ސްކޫލުގެ އަމާޒެކެވެ.
މި މަޝްރޫޢުގެ ދަށުން ސްކޫލުގެ އިތުރުން ރަށުގެ ހޮސްޕިޓަލަށްވެސް ސާފު ހަކަތައާއި ފެން ފޯރުކޮށްދިނުމާއި، ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ފުޅާކުރުމާއި، ބޯފެން ސާފުކުރާ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ގޮތުގައި އެ ސްކޫލަށް 150,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2.3 މިލިޔަން ރުފިޔާ) ލިބޭނެއެވެ.
މީގެ ކުރިން ރާއްޖޭގެ އައްޑޫ ހައި ސްކޫލާއި ހިރާ ސްކޫލުންވެސް މި އެވޯޑް ހާސިލްކޮށްފައިވާއިރު، ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން އުންމީދުކުރަނީ މި ނަމޫނާ މޮޑެލް ރާއްޖޭގެ އެހެން ސްކޫލްތަކާ ހިއްސާކޮށް، މުޅި މުޖުތަމައަށް އޭގެ ފައިދާ ފޯރުކޮށްދިނުމަށެވެ.




