ބަންގްލަދޭޝުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މިކަމާއި ގުޅިގެން މިރޭ ބަޔާނެއް ނެރެފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަންގްލަދޭޝް ހައިކޮމިޝަން މިހާރު ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު 16 ނަންބަރު ގޯޅި، ޕްލޮޓް 10982 ގައެވެ. ވިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުއްވުމަށް ނުވަތަ mission.male@mofa.gov.bd އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.



