ރާއްޖޭގެ ތިމާވެއްޓާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ސިޔާސަތެއް ކަނޑައެޅުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.
މި ބައްދަލުވުމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، ވޯލްޑް އެގްރޯ ފޮރެސްޓްރީ އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާޗު ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ”ނޭޝަނަލް ޕޮލިސީ އޮން އެގްރޯ ފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026″ އާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ދަނޑުބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިޤްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.
މި ސިޔާސަތުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށްފައިވެއެވެ.
ޚާއްޞަކޮށް، ކަނޑޫފާތަކާއި އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމުގައި އެގްރޯ ފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ މި ސިޔާސަތުގެ މުހިންމު ބައެކެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުން ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ދަނޑުވެރިކަމާ ގުޅުންހުރި ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ގަސް އިންދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނޭ، ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.



