ތައިލޭންޑުގައި ދަތުރު ކުރަމުން ދިޔަ ރޭލެއްގެ މައްޗަށް ކްރޭނެއް ވެއްޓި 22 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، ތައިލޭންޑުގެ ވެރިރަށް ބެންކޮކްގެ އުތުރުން އޮންނަ ނަކޯން ރަޗަސިމާ ޕްރޮވިންސްގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭލު ދަތުރުކުރާ ޓްރެކާ ދިމާލުން މަތީގައި ހަދާފައިވާ ތަނބުތަކެއްގެ މަތީގައި ކްރޭނު ބޭނުންކޮށްގެން މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. މަސައްކަތުގެ ތެރެއިން ކްރޭން ވެއްޓުނީ ސީދާ ދަތުރުކުރަމުންދިޔަ ރޭލުގެ މައްޗަށެވެ.
މި ހާދިސާ ހިނގި ވަގުތު ރޭލުގައި ޖުމްލަ 195 މީހުން ދަތުރުކުރަމުން ދިޔައެވެ. ކްރޭން ވެއްޓުމާއެކު ރޭލުގައި އަލިފާން ރޯވެފައިވާ އިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު 80 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ދަނީ ފަރުވާ ދެމުންނެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އެ ސަރަހައްދުގައި ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ތައިލޭންޑްގެ ޓްރާންސްޕޯޓް މިނިސްޓަރު ސޫރިއާ ޖުއަންގްރޫންގްރަންގްކިޓް ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައެވެ.
އަދި މިފަދަ މަސައްކަތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.




