އިސްރާއީލުން އަބަދުވެސް މަސައްކަތް ކުރަނީ، އެމެރިކާ އަށް ހަނގުރާމަ ކުރުމަށް މަޖުބޫރު ކުރުވަން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރާތާ މިއަދު މިއީ ވިދިވިދިގެން 18 ވަނަ ދުވަހެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި މި މުޒާހަރާ ހޫނު ކުރަމުން ދަނީ އިސްރާއީލާއި އެމެރިކާގެ ނުފޫޒުންނެވެ.
ޓެލެގްރާމްގައި ހިއްސާ ކުރި މެސެޖެއްގައި އަރަޣްޗީ ވިދާޅުވީ އިސްރާއީލުން އަބަދުވެސް މަސައްކަތް ކުރަނީ، އެ މީހުންގެ ބަދަލުގައި އެމެރިކާ އަށް ހަނގުރާމަ ކުރުމަށް މަޖުބޫރު ކުރުވުމަށް ކަމަށެވެ.
”މިހާރު އަޅުގަނޑުމެންގެ މަގުތައް ލޭ އޮހޮރުވާފައި އޮތުމުން، އިސްރާއީލުން ފާޅުގައި އަދި ފަޚުރުވެރިކަމާ އެކު ބުނަމުން ދަނީ މުޒާހަރާގެ ބައިވެރިންނަށް ހަނގުރާމައިގެ ހަތިޔާރު ފޯރުކޮށްދީ، އެތައް ސަތޭކަ ބަޔަކު މަރުވާން މެދުވެރިވި ކުރުވި ކަމަށް،“ އަރަގްޗީ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ ލޭއޮހޮރުވުން ހުއްޓުވަން ދާންވީ ކޮންތާކަށްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިހާރު އެނގެން ޖެހޭނެ ކަމަށެވެ.
މި މުޒާހަރާތަކާ ގުޅިގެން އިސްރާއީލާއި ގުޅުން އޮންނަ ނިރުބަވެރި ގްރޫޕެއް އީރާނުން އަތުލައިގެންފައިވާ ކަމަށްވެސް ދާދި ފަހުން މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އީރާނުގައި މި މުޒާހަރާތައް ފެށުނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ގައުމުގެ ފައިސާ، ރިޔާލްގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން ގްރޭންޑް ބާޒާރުގެ ފިހާރަތައް ބަންދު ކުރުމުންނެވެ. އޭގެ ފަހުން ގައުމުގެ އިގްތިސާދީ ހާލަތު ދަށް ކަމަށް ބުނެ، މުޅި ގައުމުގައި މުޒާހަރާ ކުރަން ފެށިއިރު، މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 2000 އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާރު އީރާނުގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް ކޮންޓްރޯލް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އިއްޔެ އެތައް ހާސް ބަޔަކު ނުކުމެ ސަރުކާރަށް ތާއީދު އޮތްކަން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ދަނީ މި މުޒާހަރާތަކާ ގުޅިގެން އީރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ.




