މިއަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ ފުރުޞަތު ދިނުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
ޚާއްސަ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23 ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން ރަޖިސްޓަރީވުމަށް އީސީއިން އެދިފައިވެއެވެ.
އަދި ރަޖިސްޓަރީވުމަށްޓަކައި އެ ކޮމިޝަނުގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އާ ހަމައަށް ރަޖިސްޓަރީވުމުގެ އިންތިޒާމްތައް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުޞަތު ދިނުމަށް ޚާއްސަ ޓެމްޕްލޭޓެއް އެންމެ ފުރަތަމަ ތަޢާރަފްކުރީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ.
އޭގެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.



