ޔަމަންގެ ބޮޑުވަޒީރު ސާލިމް ސާލިހް ބިން ބުރައިކް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސާލިމްގެ އިސްތިއުފާގެ ސިޓީ އެ ގައުމުގެ ރިޔާސީ ކައުންސިލްގެ ރައީސް ރަޝާދު މުހައްމަދު އަލް-އަލީމީއަށް ހުށަހަޅުއްވުމުން، ރައީސް ވަނީ އެ އިސްތިއުފާ ގަބޫލުކުރައްވާފައެވެ.
ޔަމަންގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ގައުމަށް މިހާރު އަންނަމުންދާ ސިޔާސީ އަދި އިގްތިސާދީ ބަދަލުތަކާ ގުޅޭގޮތުން އައު ސަރުކާރެއް އެކުލަވައިލުމުގެ މަގު ފަހިކުރުމަށެވެ. މި ބަދަލުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ނިންމުންތައް ނިންމުމުގައި އެއްބާރުލުން އިތުރުކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، ގައުމީ މުއައްސަސާތައް އަލުން އިއާދަކުރުމުގެ މަސައްކަތް އަވަސްކުރުމެވެ.
ސާލިމް ސާލިހް އިސްތިއުފާ ދެއްވުމާ ގުޅިގެން، އައު ބޮޑުވަޒީރުކަމުގެ މަގާމަށް، ކުރިން ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޝާޔާ މުހްސިން ޒަންދާނީ ވަނީ އައްޔަނުކޮށްފައެވެ. މި ނިންމުން ނިންމި ބައްދަލުވުމުގައި ރިޔާސީ ކައުންސިލްގެ މެންބަރުން ކަމަށްވާ ސުލްތާން އަލް-އަރާދާ، ތާރިގް ސާލިހް، އަބްދުއްރަހްމާން އަލް-މުހައްރަމީ، ޑރ. އަބްދުﷲ އަލް-އަލީމީ އަދި އުސްމާން މުޖައްލީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ ކައުންސިލްގެ ރައީސް ވަނީ އިސްތިއުފާ ދެއްވި ބޮޑުވަޒީރާ ބައްދަލުކުރައްވައި، ވޭތުވެދިޔަ ދަތި ދުވަސްވަރު ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ތެލުގެ ވަސީލަތްތަކަށް ބައެއް ފަރާތްތަކުން ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކާއެކުވެސް، އިގްތިސާދީ ކަންކަން މެނޭޖުކުރުމުގައި ސަރުކާރުން ދެއްކެވި ހިކުމަތްތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.
ޔަމަންގެ މަސްރަހު މި ދުވަސްވަރު ނުތަނަވަސްވެފައި ވަނީ މި މަހުގެ ކުރީކޮޅު ސަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެންނެވެ.
އެސްޓީސީ އިން ހަޟްރަމައުތާއި އަލް-މަހްރާ ހިފާފައި ވަނިކޮށް، ސަރުކާރުގެ ފައުޖުތަކުން ވަނީ އެ ސަރަހައްދުތައް އަލުން މިނިވަންކޮށްފައެވެ. ސައުދީން ތުހުމަތުކުރާ ގޮތުގައި އެސްޓީސީއަކީ ޔޫއޭއީން ވާގިވެރިވާ ޖަމާއަތެކެވެ.
ނަމަވެސް ޔޫއޭއީން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.



