މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 99,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އަހަރުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ޖުމްލަ 99,350 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ވޭތުވެދިޔަ 2023 ވަނަ އަހަރުގެ ފުރަތަމަ 14 ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 90,659 ފަތުރުވެރިންނެވެ. އެހެންކަމުން، މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 9.6 ޕަސެންޓް އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން 16,868 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި އޮތީ އިޓަލީ އެވެ. އިޓަލީން މި މުއްދަތުގައި 11,987 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 976 ގެސްޓްހައުސް އާއި 173 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ.
މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،787 އެވެ.



