ދެކުނު ކޮރެއާގައި 2024 ވަނަ އަހަރު މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު އިއުލާނުކުރަން ކުރި މަސައްކަތާ ގުޅިގެން، އެގައުމުގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލްގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.
މިއީ ޔޫންގެ މައްޗަށް އުފުލާފައިވާ ގިނަ ދައުވާތަކުގެ ތެރެއިން ފުރަތަމަ މައްސަލައިގައި އިއްވި ހުކުމެވެ.
ސޯލްގެ ކޯޓަކުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ޔޫންގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމާއި، ލިޔެކިޔުންތައް އޮޅުވާލުމުގެ ކުށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން، ބޮޑުވަޒީރާއި ދިފާއީ ވަޒީރު އެ ނިންމުމަށް ތާއީދުކުރި ކަމަށް ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށް، ފަހުން އެ ލިޔުން ނައްތާލިކަން ވެސް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ، ޔޫންގެ އަމަލުތަކުގެ ސަބަބުން ގައުމު ސިޔާސީ ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ކަމަށާއި، އޭނާގެ ފަރާތުން އެއްވެސް ވަރަކަށް ދެރަވުމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަރުން އެދިފައިވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް ކޯޓުން ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، މި ހުކުމް އިސްތިއުނާފު ކުރުމަށް ދެ ފަރާތަށް ވެސް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ޔޫންގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ދައުވާއަކީ ގައުމަށް ގައްދާރުވުމުގެ ދައުވާއެވެ. އެ ދައުވާއަށް ޕްރޮސެކިއުޓަރުން މަރުގެ އަދަބު ދިނުމަށް އެދިފައިވާއިރު، އެ މައްސަލައިގެ ހުކުމް އަންނަ ފެބުރުވަރީ މަހު ކުރާނެ ކަމަށް ބެލެވެއެވެ.
މިއަދުގެ ޝަރީއަތް ކުރިއަށް ދިޔައިރު، ޔޫންގެ ސަޕޯޓަރުންގެ ގާތްގަނޑަކަށް 100 އެއްހާ މީހުން ކޯޓު ބޭރަށް އެއްވެ، ލައިވްކޮށް ޝަރީއަތް ބަލަމުން ދިޔައެވެ. ހުކުމް އިއްވި ވަގުތު ބައެއް ސަޕޯޓަރުން ފަނޑިޔާރާ ދިމާލަށް ހަޅޭއްލަވައި ނުރުހުން ފާޅުކޮށްފައިވެއެވެ.


