ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު ބޭއްވި މި ޕްރައިމަރީގައި އާދަމް އާޒިމް ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްއާ އެވެ.
މިހާތަނަށް ގުނި ހުރިހާ ފޮށްޓެއްހެން ކާމިޔާބު ކުރައްވާފައިވަނީ އާދަމް އާޒިމް ކަމަށްވާއިރު،އާދަމް އާޒިމް މި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
އާދަމް އާޒިމް މާލޭގެ މޭޔަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގައެވެ. އެ އިންތިހާބު އޭނާ ކާމިޔާބުކުރެއްވީ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި މިހާރުގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާ ވާދަކުރައްވައެވެ.
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އާދަމް އާޒިމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް 4 ގައެވެ.




