ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ޑައުންވެ، ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ހާސް ބަޔަކަށް އެ ހިދުމަތް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
އެކްސްގެ ޕޯސްޓްތައް އެއްވެސް ގޮތަކަށް ލޯޑް ނުވާތާ އެތައް އިރެއް ވެފައި ވާއިރު، މި މައްސަލަ ދިމާވާން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ޓެކްނޮލޮޖީގެ ހިދުމަތްތަކަށް ބުރޫއަރާ މިންވަރު ބަލާ ވެބްސައިޓެއް ކަމަށްވާ ޑައުންޑިޓެކްޓާ އިން ދައްކާ ގޮތުގައި، އެންމެ ގިނަ މީހުންނަށް މައްސަލަ ދިމާވަނީ އެކްސްގެ މޯބައިލް އެޕްލިކޭޝަނުންނެވެ. މީގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް ހިދުމަތް ހޯދާ ފަރާތްތަކަށާއި، ސާވާ ކަނެކްޝަންގެ މައްސަލަތައް ވެސް ގިނަ ބަޔަކަށް ދަނީ ކުރިމަތިވަމުންނެވެ.
މީގެ ކުރިން އެކްސްގެ ހިދުމަތަށް ބުރޫއަރާ ހާލަތްތަކުގައި ޕޯސްޓްތައް ލޯޑް ނުވި ނަމަވެސް ވެބްސައިޓަށް ވަދެވެއެވެ. ނަމަވެސް މިފަހަރުގެ މައްސަލައިގައި ވެބްސައިޓް ވެސް އެއްކޮށް ލޯޑް ނުވާކަން ފާހަގަކުރެވެއެވެ.
މިއީ ދާދި ފަހުން މުޅި ދުނިޔޭގެ އިންޓަނެޓް ހިދުމަތަށް ބުރޫއެރި ކްލައުޑް ފްލެއާގެ މައްސަލައެއް ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް، ޓެކް ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ސީދާ އެކްސްގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެކެވެ.
މި ހަފުތާގެ ތެރޭގައި އެކްސް އަށް ޓެކްނިކަލް މައްސަލައެއް ދިމާވި މިއީ ދެވަނަ ފަހަރެވެ. މި ދެ ހާދިސާ ވެސް ހިނގާފައި މިވަނީ، އީލޮން މަސްކްގެ މި ޕްލެޓްފޯމާއި އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބޭއަދަބީ ކޮންޓެންޓް އުފައްދާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



