އިންޑޮނީޝިއާގެ ޔޮގްޔަކާޓާއިން ފުރައިގެން ސުލަވެސީ އައިލެންޑްގެ މަކަސާރަށް 11 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ކުޑަ ފަސިންޖަރު ބޯޓެއް ގެއްލިއްޖެއެވެ.
މި ބޯޓުގެ ޚަބަރެއް ނުވެ ގެއްލުމާ ގުޅިގެން، އެ ބޯޓު ހޯދުމުގެ މަސައްކަތް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށައިފައެވެ.
މި ބޯޓަކީ އިންޑޮނީޝިއާ އެއާ ޓްރާންސްޕޯޓްގެ ޓާބޯޕްރޮޕް މަތިންދާބޯޓެކެވެ.
މަކަސާރް ސާޗް އެންޑް ރެސްކިއު އެޖެންސީން މައުލޫމާތު ދޭ ގޮތުގައި، މި ބޯޓުން ތިން ފަސިންޖަރުންނާއި އަށް ފަޅުވެރިންނާއެކު ޖުމްލަ 11 މީހުން ދަތުރުކުރިއެވެ. ބޯޓާ ގުޅުން ކެނޑިފައިވަނީ އެ ގައުމުގެ ގަޑިން ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00 ހާއިރުއެވެ.
ފްލައިޓް ރޭޑާ އިން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިފައިވަނީ ރެޖިސްޓްރޭޝަން ނަންބަރު ޕީކޭ-ޓީއެޗްޓީގެ އޭޓީއާރު 42-500 މަރުކާގެ ބޯޓެކެވެ.
ލޯކަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މުހައްމަދު އާރިފް އަންވަރު ވިދާޅުވީ، ބޯޓު އެންމެ ފަހުން ފެނުނު ސަރަހައްދު ކަމަށްވާ މަކަސާރާ އިންވެގެން އޮންނަ މާރޯސް ރީޖެންސީގެ ފަރުބަދަމަތީ ސަރަހައްދަކަށް މިހާރު ޓީމުތައް ފޮނުވާފައިވާ ކަމަށެވެ. ބޯޓު ހޯދުމުގެ މަސައްކަތުގައި އެއާފޯސް، ފުލުހުން އަދި ވޮލަންޓިއަރުން ބައިވެރިވަމުންދާއިރު، ހެލިކޮޕްޓަރާއި ޑްރޯން ވެސް ދަނީ ބޭނުންކުރަމުންނެވެ.
ފްލައިޓް ރޭޑާގެ ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓުގެ ސިގްނަލް އެންމެ ފަހުން ލިބިފައިވަނީ މަކަސާރް އެއާޕޯޓުގެ އުތުރު އިރުމަތިން ގާތްގަނޑަކަށް 20 ކިލޯމީޓަރު ބޭރުންނެވެ. އެ ވަގުތު ބޯޓު ދަތުރުކުރަމުން ދިޔައީ ކަނޑުމަތިން ވަރަށް ތިރިން ކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިންޑޮނީޝިއާއަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. ނަމަވެސް، އެ ގައުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ރެކޯޑު ދަށް ގައުމެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ހަ ފަސިންޖަރުންނާއެކު ދަތުރުކުރި ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެފައިވާއިރު، އޭގެ ދެ ހަފްތާ ފަހުން ޕަޕުއާ ސަރަހައްދުގައި ހިނގި އެހެން ހެލިކޮޕްޓަރު ހާދިސާއެއްގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.



