މާލޭގައި ބިނާކުރާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިން މިނިސްޓްރީން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތުގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރުބަރީ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އަދި އަންނަ ރަމަޟާން މަހުގެ ކުރިން މިސްކިތް ރަސްމީކޮށް ހުޅުވައި، ރަމަޟާން މަހުގެ ނަމާދުތައް އެ މިސްކިތުގައި ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތްތައް ބިނާކުރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމެކެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ރޭވިފައެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އައު މިސްކިތްތައް ހުޅުވުމާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޖުމްލަ 15 މިސްކިތެއްގެ މަސައްކަތް ނިންމައި، ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.




