ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު ”ޑޮން“ 3 ގެ ބައިން އެކްޓަރު ރަންވީރު ސިންގް ވަކިވުމާ ގުޅިގެން، އެ ފިލްމު ކުޅުމުގެ ފުރުސަތު އަލުން ޝާހްރުކް ޚާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެކްސަލް އެންޓަޓައިންމަންޓުން އުފައްދާ މި ފިލްމުގެ ފުރަތަމަ ދެ ބައިގައި ވެސް ލީޑް ރޯލު ކުޅެފައިވަނީ ޝާހްރުކް ޚާނެވެ.
ފަރުހާން އަޚްތަރު ޑައިރެކްޓްކުރި ”ޑޮން“ 2006 ވަނަ އަހަރު ރިލީޒްކުރިއިރު، އޭގެ ދެވަނަ ބައި ކަމަށްވާ ”ޑޮން 2“ ސިނަމާތަކަށް އައީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން ތިންވަނަ ބައި ރަންވީރާ އެކު އުފައްދާނެކަން 2024 ވަނަ އަހަރު އިއުލާންކުރި ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރަންވީރު އެ ފިލްމު ދޫކޮށްލި ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މިކަމާ ގުޅޭގޮތުން ފިލްމުގެ ޓީމުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހްރުކް ޚާނަށް މި ފިލްމު ހުށަހެޅުމުން އޭނާ ވަނީ ވަރުގަދަ ޝަރުތެއް ކުރިމަތިކޮށްފައެވެ. އެއީ ފިލްމުގެ ޑައިރެކްޝަން ފަރުހާން އަޚްތަރުގެ ބަދަލުގައި މަޝްހޫރު ޑައިރެކްޓަރު އެޓްލީއާ ހަވާލުކުރުމެވެ. ޝާހްރުކް މިފަދަ ޝަރުތެއް ކުރީ އެޓްލީއާ އެކު ކުރި މަސައްކަތުން އޭނާއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާތީ ކަމަށް ބެލެވެއެވެ.
އެޓްލީއަކީ 2023 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު ”ޖަވާން“ ގެ ޑައިރެކްޓަރެވެ. މި ފިލްމަކީ ޝާހްރުކްގެ ކެރިއަރުގައި އޭނާއަށް ފުރަތަމަ ފަހަރަށް ނޭޝަނަލް އެވޯޑް ހާސިލުކޮށްދިން ފިލްމުވެސް މެއެވެ.
އެޓްލީ މިވަގުތު އަންނަނީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އާއި ދީޕިކާ ޕަދްކޯންއާ އެކު އާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
ޝާހްރުކްގެ މި ޑިމާންޑާއި އޭނާއަށް ފިލްމު ހުށަހެޅި ވާހަކަ މީޑިއާތަކުގައި ގަދައަށް ދެކެވެމުންދާއިރު، ފަރުހާން އަޚްތަރުގެ ޓީމުން މިހާތަނަށް އެއްވެސް ރަސްމީ ކޮމެންޓެއް ދީފައެއް ނުވެއެވެ. މީގެ ކުރިން މި ފިލްމަށް ރިތިކް ރޯޝަން ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.



