ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ބޭއްވި ވޯކް-އިން-އިންޓަރވިއުގައި 260 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ޚިދުމަތް ހިންގުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މާފަންނު ބަސް ޓާމިނަލުގައި ކުރިއަށްގެންދިޔަ މި އިންޓަރވިއުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޖުމްލަ 269 ފަރާތަކާއި އިންޓަރވިއުކޮށްފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މި އިންޓަރވިއުތައް ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށެވެ. ޓެކްސީލައިންގެ ޚިދުމަތް ފެށުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން ކުރިން ވަނީ އިޢުލާންކޮށްފައެވެ.
ޓެކްސީލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދަނީ ފުލްޓައިމް އަދި ޕާޓްޓައިމް އުޞޫލުންނެވެ. އެގޮތުން 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނީ، ޑްރައިވަރުން ހޮވުމުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.
ސަރުކާރުން މި ޚިދުމަތް ތަޢާރަފުކުރަން ނިންމީ ޓެކްސީ ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ބަރޯސާވެވޭ ލުއިފަސޭހަ ޙައްލެއް ހޯދައިދިނުމަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ޚިދުމަތް ފެށުން ލަސްވަމުންދަނީ ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް އުޅަނދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. ޚާއްޞަކޮށް ލޮނުގެ އަސަރު ކުޑަވާނެ ގޮތަށް އުޅަނދުތައް ފަރުމާކުރުމަށް ވަނީ ނިންމާފައެވެ.
މި ޓެކްސީލައިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ އޫބާ އަދި ގްރޭބް ފަދަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
ތިން ސައިޒެއްގެ އުޅަނދު ހިމެނޭ މި ޚިދުމަތަކީ 24 ގަޑިއިރު ރައްޔިތުންނަށް ލިބިގެންދާނެ ޚިދުމަތެކެވެ.



