ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެނދުނު 9:00 އިން ފެށިގެން ހުޅުވާލާނެއެވެ.
މި ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ނަމަވެސް، ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ބެލެވޭތީ އާއި މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، މާދަމާއަށް ވަނީ ފަސްކޮށްފައެވެ.
ސަރުކާރުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ކަނޑައަޅާފައިވާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ހާއްސަކޮށްފައިވެއެވެ.
މާލޭގެ ރަށްވެހިންނަށް ހާއްސަ ކުރި 4،000 ފްލެޓުގެ ތެރެއިން 2،200 ފްލެޓު މާލޭ ގެއެއްގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް، 300 ފްލެޓު ވިލިމާލޭގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް، 1،000 ފްލެޓު ދަފްތަރުގައި ތިބި ފަރާތްތަކަށް އަދި 500 ފްލެޓު ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ރަޖިސްޓަރީވި ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ވަނީ އެކި ދާއިރާތަކާއި ހާއްސަ ހާލަތްތަކުގައި ތިބި ފަރާތްތަކަށް ފްލެޓުތައް ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
- ޒުވާނުންނަށް: 250 ފްލެޓު
- ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
- ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް: 200 ފްލެޓު
- މަސްވެރިންނަށް: 100 ފްލެޓު
- ސިވިލް ސާވިސް، ފުލުހުން އަދި އެމްއެންޑީއެފް މުވައްޒަފުންނަށް ވަކިވަކިން ކަނޑައެޅިފައިވާ އަދަދުތައް
ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ކެޓަގަރީ 1 ގައި ހިމެނޭ މާލޭ ރަށްވެހިންނަށް ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިން 10,000 ގޯތި ދޫކުރާނެއެވެ. ކެޓަގަރީ 2 ގައި ހިމެނޭ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ރަސްމާލެއިން 3,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މައިމުޅަވުމުގެ ސަބަބުން ބޯހިޔާވަހިކަމުން މަހުރޫމްވި ފަރާތްތަކަށް 500 ގޯތި ވަނީ ހާއްސަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ކުރިމަތިލާ ފަރާތްތަކަށް މާދަމާ ހެނދުނު 9:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.




