ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލުމާއި ގުޅިގެން އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށާއި، ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް މިއަދު ބަންޑުން ޖަހާލާފައިވަނީ ”ބަލްމާ-6“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ހާދިސާގައި، ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިިކޮށް، ދިވެހި މީހާ ވަނީ ނިޔާވެފައި އޮއްވާ ފެނިފައެވެ.
ނިޔާވި ދިވެހި މީހާގެ އިތުރުން ދެން ގެއްލިފައިވަނީ ބިދޭސީ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.



