ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް އަލަށް ހަމަޖެއްސި ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އިސްޓަވާން އުރުބާނީ، ޓީމުގެ ޒިންމާތަކާ ހަވާލުވުމަށް މިއަދު މެންދުރުފަހު ރާއްޖެ އަތުވެއްޖެއެވެ.
މިއީ އުރުބާނީ ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވާ ތިންވަނަ ފަހަރެވެ.
މިފަހަރު އޭނާ މަގާމާ ހަވާލުވީ ހަމައެކަނި ހެޑް ކޯޗެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާވެސް އަދާކުރާ ގޮތަށް އެއްބަސްވެފައެވެ. އުރުބާނީ ބުނި ގޮތުގައި އަލުން ރާއްޖެއާ ހަވާލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ އެފްއޭއެމްގެ މެނޭޖްމަންޓަށް އައި ބަދަލާއެކު، އޭނާގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ރައީސްކަމާ ހަވާލުވުމެވެ.
އުމުރުން 58 އަހަރުގެ އުރުބާނީ އެންމެ ފުރަތަމަ ރާއްޖެއާ ހަވާލުވީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން 2009 އާއި 2011 ވަނަ އަހަރު ރާއްޖޭގެ ޓީމުން ވަނީ ފާހަގަކޮށްލެވޭ ރަނގަލު ކުޅުމެއް ދައްކައި ނަތީޖާ ހޯދާފައެވެ.
އޭނާ ފާހަގަކުރި ގޮތުގައި އޭނާގެ ކޯޗިން ކެރިއަރުގައި ރާއްޖެއާ ގުޅޭ އެންމެ އުފާވެރި ހަނދާނަކީ 23 އަހަރުން ދަށުގެ ޓީމާއެކު ސްރީލަންކާގައި އޮތް ރާޖަޕަކްސާ މުބާރާތް ކާމިޔާބު ކުރުމެވެ.
އުރުބާނީއަކީ ޔޫރަޕުގެ އެންމެ މަތީ ކޯޗިން ސެޓްފިކެޓް ކަމަށްވާ ޔޫއެފާ ފްރޯ ކޯޗިން ލައިސެންސް ހާސިލްކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ ހަންގޭރީގެ އިތުރުން އެމެރިކާގެ ސްޕޯޓިންގް ކެންސަސް ސިޓީގެ ޒުވާން ޓީމަށާއި ކޯ ވެލީ އެފްސީއަށް ވެސް މީގެ ކުރިން އިރުޝާދު ދީފައެވެ.
ޒަމާނީ ފުޓުބޯޅައަށް ލޯބިކުރާ އުރުބާނީ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭނެ ވަރުގަދަ ޓީމެއް ބިނާކުރުމަށް އިސްކަންދޭ ކޯޗެއްގެ ގޮތުގައެވެ.



