އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ ”އެކްސަސައިޒް ދޯސްތީ“ ގެ ދަށުން ކަނޑުމަތީގެ ޚާއްޞަ އަސްކަރީ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 17 އިން 19 އަށް ކުރިއަށްދާ މި ތަމްރީނުތަކަކީ ތިން ޤައުމުގެ ކޯސްޓުގާޑުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާއްވާ ހަރަކާތެކެވެ.
މި ތަމްރީނުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ކޯސްޓްގާޑް ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ކަނޑުމަތީގެ ސަލާމަތަށް އަމާޒުކޮށްގެން ހިންގުނު ސާޗް އެންޑް ރެސްކިއު ޑްރިލްތަކާއި، ކަނޑަށް ތެލާއި ކެމިކަލް އެޅުމުން އަޅާނެ ފިޔަވަޅުތަކުގެ އިތުރުން މެރިޓައިމް ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދިމާވާ އެކި ކާރިސާތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރުތައް މި ތަމްރީނުތަކުން އިތުރުވެގެންދާނެކަން ސަލީމް ފާހަގަކުރެއްވިއެވެ.
”އެއްބަޔަކު އަނެއްބަޔަކު އެއްވެސް ދަތިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ދުނިޔޭގެ އެހެން ފަރާތްތަކަށްވެސް އަޅުގަނޑުމެންނަކީ ގުޅިގެން މަސައްކަތްކުރާ ކަނޑުގެ ސަރަހައްދުގެ އެކަމާއި ހިމާޔަތް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފެނިގެން ދިޔުމަކީ މިކަމުގެ އެންމެ ބޮޑު ބޭނުން“. ޖެނެރަލް ސަލީމް ވިދާޅުވިއެވެ.
މި ފަހަރުގެ އެކްސަސައިޒްގައި ތިން ޤައުމުގެ ކޯސްޓުގާޑު އުޅަނދުތަކާއި، ހެލިކޮޕްޓަރުގެ އިތުރުން ޑޯނިއާ މަތިންދާބޯޓު ފަދަ ވަސީލަތްތައް ބޭނުންކޮށްފައިވެއެވެ. އެގޮތުން އިންޑިއާ ކޯސްޓުގާޑުގެ އައިސީޖީ ޑޯނިއާ، އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ ބައިވެރިވިއިރު، ސްރީލަންކާ ކޯސްޓުގާޑުގެ މަނަވަރު އެސްއެލްއެންއެސް ސުރަނިމިލާ އާއި ދިވެހިރާއްޖޭގެ ކޯސްޓުގާޑުގެ އުޅަނދުތައް ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.
މި ހަރަކާތްތައް ބަލާލުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި، ދިފާއި ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން، ސްްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މޯލްޑިވްސް ކެޑޭޓް ކޯގެ ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެކްސަސައިޒް ދޯސްތީއަކީ މީގެ 35 އަހަރު ކުރިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި، އަދި 2012 ވަނަ އަހަރުން ފެށިގެން ސްރީލަންކާ ބައިވެރިވާ، ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މުހިންމު ތަމްރީނެކެވެ.



