ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ސްޓެލްކޯއިން އާ ޖެނެރޭޓަރު ސެޓްތައް ފޮނުވުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ސްޓެލްކޯއިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އާންމު ގޮތެއްގައި ރަމަޟާން މަހަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވާ ދުވަސްވަރެކެވެ.

މިފަދަ ހާލަތްތަކުގައި ބައެއް ރަށްރަށުގެ ކަރަންޓު ނެޓްވޯކްތަކަށް ބާރުބޮޑުވެ (އޯވާލޯޑްވެ)، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ސްޓެލްކޯގެ އަމާޒަކީ އާ ޖެނެރޭޓަރުތަކާއެކު މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ރަށްރަށަށް ޖެނެރޭޓަރުތައް ފޮނުވަމުންދާކަން ހާމަކުރި ނަމަވެސް، އެ ތަކެތި ފޮނުވަނީ ސީދާ ކޮން ރަށްތަކަކަށް ކަމެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް، ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ވިލިމާލޭ އިންޖީނުގެއަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް، އެ ސެޓް ކޮމިޝަންކޮށް މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.



