އީރާންގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 5،000 އަށް އަރާނެކަމަށް މިހާތަނަށް ޔަޤީންކުރެވިފައިވާކަމަށް އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލަކު ހާމަކުރައްވައިފިއެވެ.
ނަން ހާމަނުކުރަން އެދި ރޮއިޓަރސް ނޫހަށް މަޢުލޫމާތު ދެއްވި މި އޮފިޝަލް ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 500 އެއްހާ މީހުން ވެސް ހިމެނެއެވެ.
ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން ފެށުނު މި މުޒާހަރާތަކުގެ ތެރެއަށް ހަތިޔާރާއެކު ބަޔަކު ވަދެ، ގަސްދުގައި ހަމަނުޖެހުން އުފައްދަމުންދާ ކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ. ޚާއްޞަކޮށް ކުރުދީންގެ ބޮޑު އާބާދީއެއް އޮންނަ އީރާންގެ ހުޅަނގުދެކުނު ސަރަޙައްދުތަކުގައި މިފަދަ ރޭވުންތެރި ހަމަނުޖެހުންތައް ބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާއި ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތެއްވާ ކަމަށް އީރާނުން ބުނެއެވެ.
ބައިނަލްއަޤުވާމީ މަދަނީ ޖަމާޢަތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 24،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އީރާންގެ ރޫޙީ ވެރިޔާ، އާޔަތުالله ޚާމަނާއީ ވަނީ މި ހަމަނުޖެހުންތަކުގެ ފަހަތުގައި ހުންނެވި މުޖުރިމަކީ އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ކަމަށް ތުހުމަތު ކުރައްވައިފައެވެ. ޚާމަނާއީ ވިދާޅުވި ގޮތުގައި މި މުޒާހަރާތަކަކީ ޓްރަމްޕްގެ ސަބަބުން މަގުފަހިވެގެންދިޔަ ކަންތައްތަކެކެވެ.
މި މައްސަލައިގައި ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް، ފަހުން އޭނާ ވަނީ މުޒާހަރާގެ ބައިވެރިންނާ މެދު އިހާނެތިކޮށް ކަންތައް ނުކުރާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އީރާނުން ބުނެފައިވަނީ ޓްރަމްޕް ވިދާޅުވި ފަދަ އެއްވެސް ކަމެއް ކުރުމަށް އެ ޤައުމުން ރާވާފައި ނުވާނެ ކަމަށެވެ.



