ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗު ރާއްޖޭން ކާމިޔާބުކޮށް ތަށީގެ އުންމީދު ބޮޑުކޮށްފިއެވެ.
ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖޭން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ވާދަވެރި ކުޅުމެކެވެ. ރާއްޖޭން މެޗުގެ ކޮންޓްރޯލް ނަގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އިންޑިއާއިން ވަނީ ޑިފެންސިވް ކުޅުމަކާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.
ރާއްޖެއަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ކެޕްޓަން މުހައްމަދު އިމްރާން އެވެ. މި ލަނޑާއެކު އިންޑިއާއިން އެޓޭކުތައް ވަރުގަދަކުރި ނަމަވެސް، ރާއްޖޭގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.
ދެވަނަ ހާފު ފަށައިގެން ރާއްޖޭން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އަބްދުﷲ ޝާފިއު ވަނީ އިންޑިއާގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ދެ މިނެޓު ފަހުން އިންޑިއާގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަލީ ޝަމާލް އަބްދުﷲ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ ރާއްޖޭގެ ހާފުތެރޭގައި ހުރެ ކެޕްޓަން އިމްރާން ފޮނުވާލި ދުރު ހަމަލާއެއް ގޯލުގެ ތެރެއަށް ވަދެ، ނަތީޖާ 4-0 އަށް ބަދަލުވުމުންނެވެ. މި ހާފުގެ ތެރޭގައި އިންޑިއާގެ ކުޅުންތެރިއަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައިވެއެވެ. ރާއްޖޭގެ ފަސްވަނަ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދުއެވެ.
މި މޮޅާއެކު ރާއްޖެ ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ޖުމްލަ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. އަނެއްކޮޅުން އިންޑިއާއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ތަށި ހޯދުމަށް ރާއްޖެއިން ކުރަމުންދާ އުންމީދުތައް ވަނީ ވަރަށް ބޮޑަށް އާވެފައެވެ.



