މޫސުމީ ބަދަލުތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ޤައުމީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްޤީ ފުޅާކޮށް، ސަރަޙައްދީ ތަރައްޤީގެ ހަމަހަމަކަން ޤާއިމުކުރުމާއި ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރުންކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
”މި އައު ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަޞީލަތްތަކެއް ޤާއިމުކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން. މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. މިއީ ދަތުރުފަތުރާއި، ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ފެންވަރުގައި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެއް،“ މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިޤްތިޞާދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
”ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމުގެ ވިލުންވެރިކަން އިތުރުވެ، އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އޯޕެކް ފަންޑުން ދެމުންދާ އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. ވަޒީރު ވިދާޅުވ 1977 ވަނަ އަހަރުން ފެށިގެން އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ އިތުބާރު ހުރި ބައިވެރިއެއްކަމަށެވެ. ފެނާއި ނަރުދަމާ، ދަތުރުފަތުރު، ޞިއްޙަތު، ތަޢުލީމު އަދި މަސްވެރިކަމުގެ ދާއިރާގެ މުހިންމު މަޝްރޫޢުތަކަށް އެ ފަންޑުން ބޮޑެތި އެހީތައް ދީފައިވާކަމަށާއި، މިއީ ރާއްޖެއިން ބަލައިގަންނަ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި އެއްބަސްވުމުގެ ދަށުން އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް އިންތިޒާމުވުމާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީގެ ދާއިރާއިން މި ގުޅުން އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މިއަދު ސޮއިކުރެވުނު އާ އޮނިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޯޕެކް ފަންޑާއެކު ކުރެވޭ މަސައްކަތްތަކަށް މަގުދައްކައިދީ، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ހަރުދަނާ، ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދާނެއެވެ.



